ސިޔާސީ މީހުން ނުރުހުނަސް މެންބަރުން ގަނެއްވިއްކުމުގެ ވިޔަފާރި ހުއްޓުވަން ރައްޔިތުންގެ ބޭނުން!

ޤާސިމް ފަދަ މަހުޖަނުން ނުރުހުނަސް މެންބަރުން ގަނެއްވިއްކުމުގެ ވިޔަފާރި ހުއްޓުވަން ރައްޔިތުންގެ ބޭނުން!

އެންޓި ޑިފެކްޝަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ  ބޭނުމަކަށް ވެފައި ވަނީ ސިޔާސީ އަދި މާލީ ނުފޫޒުތަކުން މަޖިލީސް އެއްކިބާ ކުރުމަށާއި އާންމުންގެ އިތުބާރު ލިބިފައި އޮތް ތަނަކަށް ހެދުމެވެ. އެކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުން ޒަމާނުއްސުރެ ބޭނުންވެފައިވާ ކަމެކެވެ.

އެންޓި ޑިފެކްޝަން ބިލާއި މެދު ޤާސިމް އިބްރާހިމް ފަދަ މަހުޖަނުން ހިތްހަމަނުޖެހިގެން ވާހަކަ ދައްކާ ސަބަބަކީ، އިރުއިރުކޮޅާ އެބޭފުޅުންނަށް ރިޝްވަތު ދީގެން މަޖިލިސް މެންބަރުން ގަތުމަށް އޮތް ދޮރު ބަންދުވާނެ ކަން ޔަޤީން ވުމެވެ.

އެ ޔަޤީން ކަމަކީ، މަޖިލީހަށް މެންބަރުން ހޮވުމަށް މަރުދޭ އެކްޓިވިސްޓުންނާއި އެމީހުންނަށް ވޯޓުދޭ ޕާޓީތަކުގެ މެންބަރުން ވެސް ހިތުން ރުހުމުން ބޭނުންވާ ގޮތް ވެސް މެއެވެ.

އެންޓި ޑިފެކްޝަން ބިލުގައި ބުނެފައިވާ ގޮތުން މަޖިލިސް މެންބަރަކު އިންތިހާބުވި ޕާޓީން އެ މެންބަރު ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ.

އާއްމު ރައްޔިތު މީހާގެ ނަޒަރުން ބަލާއިރު، މިއީ މަޖިލިސް މެންބަރުން ރައްޔިތުންގެ އިހްސާސްތަކުގައި ކޮޅުފައި ޖަހާފައި އެމީހުންގެ އަމިއްލަ އެދުންތައް ހާސިލްކުރުމަށް މަސައްކަތް ނުކުރެވޭނެކަން ކަށަވަރުކޮށްދޭ ބިލެއް ވެސް މެއެވެ.

ސިޔާސީ މީހުން ފާޑުފާޑުގެ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނީ އެންޓި ޑިފެކްޝަން ބިލު ޤާނޫނަކަށް ވާނެ ދުވަހަކަށެވެ.

 

Leave a Reply

Your email address will not be published.