އެމްޑީޕީ އާއްމު މެންބަރުން މުޒާހަރާތަކަށް ނުނިކުންނަ 5 ސަބަބު!

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ އެމްޑީޕީ ވުޖޫދަށް އައުމަށް ފަހު ކުރި މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. އޭރު މުޒާހަރާތައް ރޫޅާލުމަށް ފުލުހުންނާއި ސިފައިން ނިކުމެ އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުނެވެ. ބައެއް ފަހަރަށް އެމްޑީޕީގެ މުޒާހަރާތައް ދުވަސްތަކަށް ދެމިގެން ގޮސްފައި ވެއެވެ.

އެހެން ނަމަވެސް އެއީ މާޒީއެވެ. އެމްޑީޕީ އަށް 12 އަހަރު ފުރިފައިވާއިރު މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.  އެޕާޓީގެ ފަރާތުން އިއުލާންކުރާ މުޒާހަރާތަކަށް ދާ މީހުންގެ އަދަދު އިންތިހާއަށް މަދުވެފައިވާ ކަމެވެ. އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގެ ހުރިހާ ގުނަންތަކަށް ވެރިވެގެން އުޅޭ ރޫހާނީ ލީޑަރު ކެނެރީގޭ މުހައްމަދު ނަޝީދުގެ އޯޑަރަށް ވެސް މުޒާހަރާތަކަށް އެމްޑީޕީ އާއްމު މެންބަރުން މިހާރު ނިކުންނާކަށް ބޭނުމެއް ނުވެއެވެ.އެއީ ކީއްވެގެން ހެއްޔެވެ؟

1. މުޒާހަރާތައް ފެށުމަށްފަހު ބޮޑުން ފިލާނެ ކަން އެނގޭތީ

އެމްޑީޕީ އިން ކުރި މުޒާހަރާތަކުން ފެންނަ ހަގީގަތަކީ މުޒާހަރާތަކަށް މީހުން އެއްކުރުމަށް މަސައްކަތް ކުރާއިރު ޕާޓީގެ އިސް މަގާމުތަކުގައި ތިބޭ މީހުންނާއި މަޖިލިސް މެންބަރުން ހަރުގެ ސަރަހައްދުން ފެނެއެވެ. އެހެން ނަމަވެސް، މުޒާހަރާ ރޫޅާލުމަށް ފުލުހުން އަންނައިރު، އާއްމު މެންބަރުން ދޫކޮށްލުމަށް ފަހު ޕާޓީގެ ބޮޑުންނާއި މަޖިލިސް މެންބަރުން ރައްކާވެެއެވެ. ދެން އެބޭފުޅުން ފެންނަނީ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަަކަ ދައްކަވަން ތިއްބަވާ ތަނެވެ.

2. ހައްޔަރުވުމުން ވަކީލުންގެ އެހީތެރިކަމެއް ނުލިބޭތީ

އެމްޑީޕީގެ ފަރާތުން ކުރާ މުޒާހަރާތަކާއި ބާއްވާ އެއްވުންތަކަށް މީހުން ނެރުމަށް ދައްކާ ވާހަކަ އަކީ، ހައްޔަރުވެއްޖެ ނަމަ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދޭނެ ވާހަކައެވެ. އެހެން ނަމަވެސް ހަގީގަތަކީ ރޫހާނީ ލީޑަރުގެ އޯޑަރަށް ތަބާވާން ކުށްތަކަށް އަރައިގަތުމުން ހައްޔަރުވާ މީހުންނަށް އެމްޑީޕީގެ ފަރާތުން ވަކީލުންގެ އެހީތެރިކަން ފޯރުކޮށް ނުދޭ ކަމެވެ. ކިރިޔާވެސް އެފަދަ އެހީތެރިކަމެއް ލިބެނީ ކޮންމެވެސް ގޮތަކަށް މެންބަރަކާއި ނުވަތަ ޕާޓީގެ ނުފޫޒު ގަދަ މީހަކާއި ގުޅުމެއް އޮވެގެންނެވެ.

3. މުޒާހަރާކޮށްގެން ވެރިކަން ނުވެއްޓޭނެކަން އެނގޭތީ

އިދިކޮޅު ފަރާތްތަކުން މިފަހަކަށް އައިސް ރައީސް ޔާމީންގެ ސަރުކާރު ވެއްޓޭނެ ކަމަށް ނުބުނާ ހަފްތާ ބަންދެއް ނުދެއެވެ. ވިއްސާރަވެ އުޑުމަތި ބަނަވެއްޖެ ނަމަ އެއީ ވެސް ވެރިކަން ވެއްޓެން އުޅެނީ ކަމަށް ބުނެ ރައްޔިތުން ގުނބޯ ހައްދަން މަސައްކަތް ކުރަމުން ދެއެވެ. މިއަދު އެމްޑީޕީގެ ބޮޑުންގެ އޯޑަރަށް އެމްޑީޕީގެ އާއްމު މެންބަރުން މުޒާހަރާތަކަށް ނިކުންނަން ބޭނުން ނުވަނީ، އެމީހުންނަށް މަގުމަތިން މި ސަރުކާރު ވައްޓާ ނުލެވޭނެ ކަން އެނގޭތީއެވެ. އަދި ބޭކާރު ކަމެއްގައި އުޅެން ބޭނުން ނުވާތީ ވެސް މެއެވެ.

4. ބާޣީންގެ ދިފާޢުގައި ނިކުންނަން ބޭނުން ނުވުން

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަދި މަހުޖަނު ގާސިމް އިބްރާހިމް އަކީ އެމްޑީޕީގެ ވެރިކަން ވައްޓާލި ބާޣީންގެ ގޮތުގައި އެމްޑީޕީން ސިފަކުރާ މީހުންނެވެ. މީގެ އިތުރުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އަކީ އެމްޑީޕީގެ އެތައް އާއްމު މެންބަރުންނަކަށް ފުލުހުން ލައްވައި އަނިޔާކުރުވި މީހެއްކަން އެމްޑީޕީގެ އާއްމު މެންބަރުން ހިތުގެ އަޑިން ގަބޫލުކުރެއެވެ.

މިއަދު އެމްޑީޕީގެ އާއްމު މެންބަރުން މުޒާހަރާތަކަށް ނިކުންނަން ބޭނުން ނުވަނީ، އެމްޑީޕީގެ ވެރިކަން ވައްޓާލި ބާޣީންނާއި އަދި އެމީހުންނަށް އަނިޔާކުރުވި އަބްދުﷲ ރިޔާޒްމެންގެ ހައްގުގައި އަޑުއުފުލަން ބޭނުން ނުވާތީއެވެ.

5. ތިރީސް އަހަރު ޚުދުމުހުތާރު ވެރިކަމުގައި އަނިޔާލިބުނު މީހުންނާއި އާއިލާތަކަށް އިހްތިރާމް ކުރާތީ

ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ބައިސްކަލްގައި ބައްތި ނުޖަހައި ދުއްވި އެތައް ބަޔަކު ތަހުގީގު ކުރުމެއް އަދި ޝަރީއަތް ކުރުމެއް ނެތި ޖަލަށް ލެވުނެވެ. ދީނީ އިލްމުވެރިންގެ ތުނބުޅީގައި ޗިލީ ސޯސް ލުމަށް ފަހު އެމީހުންގެ ތުނބުޅި ބޭލުވި ކަމަށް ވެއެވެ. މައުމޫނުގެ ވެރިކަމުގައި ޖަލުތަކުގައި ލާއިންސާނީ އެތައް އަމަލެއް ހިންގިއިރު، އެތައް ފުރާނައެއް ވަނީ ގެއްލިގެން ގޮސްފައެވެ.

އެދުވަހު އަނިޔާ ލިބުނު މީހުންގެ ހައްގުގައި ނިކުތީ އެމްޑީޕީންނެވެ. އެމްޑީޕީގެ އާއްމު މެންބަރުންނެވެ. މިއަދު އެމެންބަރުން މައުމޫނުގެ ހައްގު ހޯދައިދޭން މުޒާހަރާކުރަން ބޭނުން ނުވަނީ، މައުމޫނުގެ ވެރިކަމުގައި އަނިޔާ ލިބުނު މީހުންގެ ހައްގުގައެވެ. އަނިޔާވެރިންނަށް ނަފްރަތު ކުރާތީއެވެ.

Leave a Reply

Your email address will not be published.