ނަޝީދުގެ ބްލެކްމެއިލް ކުރުމުގެ ޝިކާރައަކަށް މަހްލޫފް ވީތަ!؟

ކެނެރީގޭ މުހައްމަދު ނަޝީދު ތިމަންނާ އަކީ ސިޔާސީ ގޮތުން މާ ކުޅަދާނަ މީހެއް ކަމަށް ދެއްކެން މަސައްކަތް ކުރިޔަސް އޭނާގެ އެ ކުޅަދާނަ ކަމަކީ މަކަރުވެރިކަމާއި ހީލަތްތެރިކަން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނޫން ކަމަށް ގިނަ ބަޔަކު ބުނަމުން ގެންދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ނަޝީދު އެ ޕާޓީއެއްގެ ރޫހާނީ ލީޑަރުކަން ކުރަމުން ގެންދާ އެމްޑީޕީގެ ތެރެއިން އޭނާ ބޭނުންވާ ގޮތަކަށް ކަންތައް ކުރަން އެއްބަސް ނުވާ މީހުން ނެރެލައެވެ. އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުގައި ވެސް ނަޝީދަށް ސިޔާސީ ގޮތުން ވާދަނުކުރެވޭ ފެންވަރުގެ މީހަކު ހުރި ނަމަ ނުވަތަ ސިޔާސީ ގޮތުން ނަޝީދަށް ގޮންޖެހުމަކަށް ވެދާނެ ފަދަ މީހަކު ހުރި ނަމަ އެމީހަކު ނައްތާލަން މަސައްކަތް ކުރެއެވެ.

ފަރުދާގެ ފުރަގަހުގައި ނަޝީދު “ސިޔާސީ” ބޯޑު އަޅުވައިގެން ހިންގާ ހުތުރު ޖަރީމާތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ސިޔާސީ ފަރާތްތައް ބްލެކްމެއިލް ކުރުމެވެ. މިގޮތުން މީގެ ކުރިން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންތަކެއް ބްލެކްމެއިލް ކުރުމަށް ނަޝީދު މަސައްކަތް ކުރި ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވެސް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ނަޝީދު ފަރުދާގެ ފުރަގަހުގައި ހުރެ ކުޅެމުން އަންނަ ބްލެކްމެއިލްގެ ސިލްސިލާގެ ބޭނުމަކަށް ވެފައި ވަނީ ސިޔާސީ ވާދަވެރިން އޭނާގެ މުށުތެރެއަށް ލެވޭނެ ގޮތް މަގު ފަހިކުރުމެވެ. އެގޮތުން އެމްޑީޕީގެ އަބްދުﷲ ޝާހިދު މެން ޑީއާރްޕީގައި ތިބެފައި ކުއްލި ގޮތަކަށް އެމްޑީޕީ އަށް ބަދަލުވުމުގައި ވެސް ނަޝީދުގެ ރޭވުމުގެ ދަށުން ކަސްބީ އަންހެނުންތަކެއް ލައްވައި ކަންތައް ގަނޑެއް ހިންގުވާފައިވާ ކަމުގެ ވާހަކަ ދެކެވެނެވެ.

ނަޝީދުގެ ބްލެކްމެއިލްގެ ސިލްސިލާ އަށް އެންމެ ފަހުން އިތުރުވި މީހަކަށް މިވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ތޯ ގިނަ ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. އެގޮތަށް ސުވާލު އުފައްދަން ފެށީ ސޯޝަލް މީޑީޔާގައި މަހްލޫފް ކަމަށް ބުނާ މީހެއްގެ ބަރަހަނާ ފޮޓޯ އެއް އާއްމުވުމާއި ގުޅިގެންނެވެ.

މި ފޮޓޯ އާއްމުވުމާއި އެކު ގިނަ ބަޔަކު ބުނަމުން ދަނީ މަހްލޫފް އެމްޑީޕީ އާއި ނަޝީދުގެ ލާދީނިއްޔަތަށް ތާއީދު ކުރަން ފެށި ހިސާބަކީ، އެ ފޮޓޯ އެއް ނަޝީދަށް ލިބި އޭނާ ބްލެކް މެއިލްކުރަން ފެށި ހިސާބު ކަމަށެވެ.

އަދި މިހާރު އެ ފޮޓޯ ނަޝީދު ލީކުކޮށްލައިގެން އުޅެނީ ސިޔާސީ ގޮތުން މަހްލޫފް ލައްވައި ކުރުވަން ބޭނުންވި ކަންތައް ކުރެވިފައި ވުމާއި އެކުގައި ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، މަހްލޫފް ތަކުރާރުކޮށް ބުނަމުން ގެންދަނީ އެއީ “އެޑިޓް ކޮށްފައިވާ” ފޮޓޯ އެއް ކަމަށެވެ

މަހްލޫފް ކޮންމެ ގޮތަކަށް ބުންޏަސް، އަދި ކިތަންމެ ވަރަކަށް ދޮގުކުރަން އުޅުނަސް ނަޝީދު ވަނީ އޭނާގެ ދެ ބޭނުމެއް ހާސިލްކޮށްފައެވެ. އެއް ބޭނުމަކީ ރައްޔިތުންގެ ކުރިމަތީގައި މަހްލޫފްގެ އަގުވައްޓާލުމެވެ. އަނެއް ބޭނުމަކަށް ވީ މަހްލޫފް ޤާނޫނީ ގޮތުން ގޮޅިއަކަށް ފައްތާލުމެވެ.

މާދަމާ މަހްލޫފްގެ މައްޗަށް އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އުފުލައިފި ނަމަ، އެކަމާއި އެންމެ އުފާވާނެ މީހަކަށް ނަޝީދު ވާނެއެވެ. އެކަން މަހްލޫފް އަށް ވެސް މިއަދު ގަބޫލުކުރެވޭނެއެވެ. އެހެން ނަމަވެސް ބްލެކްމެއިލް ވެފައި ވުމުގެ ސަބަބުން އެކަން ހާމަކުރަން މަހްލޫފަށް ނުކުރެނީއެވެ.

Leave a Reply

Your email address will not be published.