ކުޑަކެކުރި އެއް ބޮޑު ކެކުރިއެއް ނޯންނާނެ : މި ރައީސްގެ ވެރިކަމުގައި އެންމެންގެ މައްޗަށް ޤާނޫނު ހިނގާނެ!

ކުރީގެ ރައީސެއްގެ ދަރިކަލަކަށް ވުމަކީ އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމަށް އޮތް ހުރަހަކަށް ވާން ޖެހޭ ހެއްޔެވެ؟ އެއީ ދުނިޔޭގެ އެއްވެސް ޑިމޮކްރަސީއެއްގައި އަމަލުކުރާ އަދި އަމަލުކުރަމުންދާ ގޮތެއް ވެސް ނޫނެވެ.

އެހެނަސް އެއީ ރަސްކަމާއި ޚުދުމުހުތާރު ވެރިކަމުގައި އަށަގެންފައި އޮންނަ ޘަޤާފަތެކެވެ. ޤާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެން ހަމަހަމަ ވާން ޖެހޭނެ ކަމަށް ޚުދުމުހުތާރު ވެރިކަން ކުރެއްވި ބޭފުޅެއް ނަމަ ޤަބޫލުކުރަން ދަތިވާނެއެވެ. ނުވަތަ ޤަބޫލުކުރައްވަން ބޭނުންފުޅެއް ނުވާނެއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚުން ވެސް ފެންނަމުން ދަނީ އެފަދަ މަންޒަރުތަކެވެ. ކުރީގެ ރައީސް މައުމޫންގެ ދަރިކަލެއްގެ މައްޗަށް ޤާނޫނު ހިނގާ މަންޒަރު ބައްލަވަން އެމަނިކުފާނު ބޭނުންފުޅެއް ނުވެއެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުތައް ހުރި ގޮތުން މައުމޫނުގެ ދަރިކަލަކަށް ވަކި ގޮތެއް ހަމަޖެއްސޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތެވެ.

ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނަށް، ޤާނޫނާއި ޚިލާފުވެވަޑައި ނުގަންނަވައި ފާރިސް އަށް ވަކި ގޮތެއް ހަމަޖައްސައި ދެއްވޭކަށް ނޯންނާނެއެވެ. އެފަދަ ކަމެއް ކުރައްވައިފި ނަމަ އެއީ އެމަނިކުފާނު ދިވެހި ރައްޔިތުންގެ ކުރިފުޅުމަތީގައި ކުރެއްވި ރައީސް ކަމުގެ ހުވައާއި ޚިލާފުވީއެވެ.

އެހެނަސް މައުމޫނު ޕްރެޝަރު ކުރައްވަމުން ގެންދަވަނީ، ފާރިސް އަކީ “ބޮޑުކެކުރި” ކެޓަގަރީ ކަމަށް ވިދާޅުވެ، ފާރިސްގެ މައްޗަށް ޤާނޫނު ނުހިނގާނެ ގޮތް ހެއްދެވުމަށެވެ. އެކަން ކުރެވޭނެ ޤާނޫނީ ހަމައެއް ނެތި ރައީސް ޔާމީނަށް އެކަން ކުރެއްވުމަށް މައުމޫނު ކިތަންމެ ބާރެއް އެޅުއްވިޔަސް އެކަމެއް އެމަނިކުފާނު ނުކުރައްވާނެއެވެ.

އެއީ އާއިލާ މީހުންގެ ރައީސެއް ނޫނެވެ. އެއީ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންގެ ރައީސެވެ. އެމަނިކުފާނު ޢަމަލުކުރައްވާނީ ޤާނޫނުގައި އޮންނަ ގޮތަށެވެ. މައުމޫނު މެން ވަކި މީހަކަށް ވަކި ގޮތެއް ހެދި ޒަމާން މާޒީ ވެގެން ހިނގައްޖެއެވެ. އޭރު ޤާނޫނު އަސާސީ އަކީ، ކޯޓަކީ އަދި ހުކުމަކީ ވެސް ޚުދު މައުމޫނު ނިންމަވާ ނިންމެވުމެވެ.

Leave a Reply

Your email address will not be published.