ގާސިމްގެ ވިސްނުން: ކޮންމެ 5 އަހަރަކުން ސަރުކާރު ވައްޓާލާ ޓެކްސް މައާފު ކުރުވުން!

 

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ދެކޮޅުވެރި ނުވާ އެއްވެސް ސަރުކާރެއް ރާއްޖެއަކު ނެތެވެ. ރައީސް މައުމޫނުގެ ސަރުކާރުގެ ތެރެއިން މަތީ މަގާމުތަކެއް ލިބުނަސް އާޚިރުގައި ކެނެރީގޭ މުހައްމަދު ނަޝީދާއި ބައިއަތު ހިފައިގެން ނިކުތީ މައުމޫނުގެ ވެރިކަން ވައްޓާލުމަށެވެ.

 

އެހިސާބުން ނަޝީދަށް ކުރިމަތި ކުރުވި ޝަރުތަކީ ދައުލަތަށް ވިލާ ކުންފުނިން ދައްކަން ޖެހޭ ފައިސާތައް މައާފްކުރުމެވެ. އެހެން ނަމަވެސް ނަޝީދަށް ވެސް ގާސިމް ބޭނުންވި ގޮތަށް ދައުލަތަށް ލިބެން ހުރި އާމްދަނީ އެއް ނުލިބޭނެ ގޮތެއް ވުން ގަބޫލެއް ނުކުރެވުނެވެ. ގާސިމް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭނެ ކަމަށް ނަޝީދުގެ ސަރުކާރުން ގާސިމަށް އެންގިއެވެ.

 

މަހެއްހާ ދުވަހުގެ ތެރޭގައި ނަޝީދުގެ ސަރުކާރުން ގާސިމް ވަކިވާން ޖެހުނު ސަބަބަކީ އެއީއެވެ. ނަޝީދާއި ދެކޮޅަށް ނިކުމެ އޭނާގެ ސަރުކާރު ނިމުމަކަށް ގެނައެވެ. ގާސިމް ބުނަމުން ދިޔައީ “ދީނާއި ޤައުމަށްޓަކައި” މަސައްކަތް ކުރައްވަނީ ކަމަށެވެ. އެހެނަސް ހަގީގަތުގައި ގާސިމް މަސައްކަތް ކުރަމުން ދިޔައީ “ވިލާ ކުންފުންޏާއި ޖީބަށްޓަކައި” އެވެ.

 

ނަޝީދަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ޑރ.މުހައްމަދު ވަހީދުގެ ސަރުކާރުގައި ގާސިމްގެ ނުފޫޒު ގަދަވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފަޅުތަކާއި ގިރިތައް ހިތުހުރި ގޮތަކަށް ގާސިމްގެ މުށުތެރެއަށް ލަމުން ގެންދިޔައެވެ. އެހެނަސް އެތަންތަނަށް ދައްކަން ޖެހޭ ފައިސާ ގާސިމް ނުދައްކައެވެ.

 

އެ ފައިސާތައް ނުދައްކައި ހިތުހުރި ގޮތަކަށް ގާސިމަށް ޚާއްސަ ސްލޮޓްތަކުގައި ތިބި ވަޒީރުން މެދުވެރިކޮށް ރައީސް ވަހީދުގެ ސަރުކާރުގައި މަންފާތައް ހޯދަމުން ދަނިކޮށް އެކަން ސަރުކާރުން ހުއްޓުވިއެވެ. އެހިސާބުން ގާސިމަށް ޑރ. ވަހީދު ވެސް ގޯސްވީއެވެ.

 

ޖެހިގެން އައި ރިޔާސީ އިންތިހާބަށް ގިނިކަންޏާއި ގާސިމް ނިކުތީ، 2013 ވަނަ އަހަރު ރައީސް ކަމަށް އައިސް ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ މައާފް ކުރެވޭނެ ކަމުގެ ފޮނި ހުވަފެން ދެކެމުންނެވެ. އެހެން ނަމަވެސް ގާސިމް އަކީ ރައްޔިތުންގެ މެދުގައި މަގްބޫލު މީހަކަށް ނުވުމުން ދެފަހަރަށް ބޭއްވި ރިޔާސި އިންތިހާބުގެ ފުރަތަމަ ބުރަށް ވުރެ ކުރިއަކަށް ނުދެވުނެވެ.

 

2013ގެ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ޔާމީން އާއި އެކު ގާސިމް ކޯލިޝަން ހެދީ އެންމެ ބޭނުމެއްގައެވެ. ދައުލަތަށް ދައްކަން ޖެހޭ ފައިސާ މައާފްކޮށްދޭނެ ކަމަށް ހީކޮށެވެ. މިއަދު ގާސިމް ސަރުކާރު ވައްޓާލަން މިއުޅެނީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި ހުރުމަށް ސަރުކާރުން ނުރުހޭތީއެވެ.

 

އެއީ 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ. ދިވެހި ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާފައި އެ 2 ބިލިއަން ރުފިޔާ ގާސިމަށް މައާފް ކޮށްދޭން ސަރުކާރުން ބޭނުން ނުވުމަކީ، މިއަދު ގާސިމް މި ސަރުކާރު ވައްޓާލަން އުޅޭ ސަބަބެވެ.

Leave a Reply

Your email address will not be published.