ކެނެރީގޭ ނަޝީދު: ނުލަފާކަން ދައްކަން ހަދައިގެން ކުޑަކަކޫ މަތީގައި!

 

މަޖީދިއްޔާ ސްކޫލްގައި ކެނެރީގޭ މުހައްމަދު ނަޝީދާއި އެކު ކިޔެވި ބަޔަކަށް ވިއްޔާ މި މަންޒަރު ހުންނާނީ ލައްކަ ފަހަރަކު ފެނިފައެވެ. ސްކޫލުގައި ނަޝީދު ބަސްނާހައި ނުލަފާކަން ދައްކާތީ އަދަބެއްގެ ގޮތުން ސްކޫލު އޮފީސް ކުރިމަތީގައި ދެކަކޫ ޖައްސާފައި (ނީލްޑައުން ކޮށްފައި) ދެ އަތް މައްޗަށް ނަންގުވާފައި އެންމެންނަށް ފެންނަ ގޮތަށް ބެހެއްޓުމަކީ އޭރު ވަރަށް އާއްމު ކަމެކެވެ.

އޭގެ އަހަރުތަކެއް ފަހުން ސިޔާސީ ދާއިރާއަށް ނިކުމެ ރާއްޖޭގެ ވެރިކަމަށް ނަޝީދަށް އާދެވުމުން ވެސް ހަމަ ދައްކަން ފެށީ އެފަދަ ނުލަފާ ކަމެވެ. އެ ނުލަފާކަން ހުރިކަމަށް ރައްޔިތުންގެ ކުރިމަތީގައި ނަޝީދު އެއްބަސްވިއެވެ.

 

ނުލަފާކަން ދެއްކުމުގެ ގޮތުން ކޯޓެއްގެ ގާޒީއަކު ވަގަށް ނެގިއެވެ. ބޯންޖެހޭނެ ކަމަށާއި ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ އެއީ ކަމަށް ނަޝީދު ދިޔައީ ބުނަމުންނެވެ. މިފަދަ ގޮތަކަށް ނުލަފާކަން ދައްކައި ރާއްޖޭގެ ކަންކޮޅުތަކުގައި ބުދު ބަހައްޓަމުން ދަނިކޮށް 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ނަޝީދުގެ ވެރިކަން ނިމުމަކަށް އައެވެ.

 

އެހިސާބުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ކެނެރީގޭ ނަޝީދުގެ ނުލަފާކަމުން ސަލާމަތްވީ ކަމަށެވެ. އެހެން ނަމަވެސް ކަންތައް ވެގެން ދިޔައީ އެގޮތަކަށް ނޫނެވެ.

 

ސަޕޯޓަރުން ލައްވައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖެހިގެން އައި ދުވަހު ބޮޑެތި ހަމަނުޖެހުންތައް ހިންގުވިއެވެ. ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހައި 200 އެއްހާ މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ދިނެވެ. އެއަށް ފަހު ދެން އައީ “ތަޅާނެ ކުދިން ކޮޅެއް ހޯދައިގެން ފުލުހުންނާއި ތަޅަން” ނަޝީދު ބޭނުންވި ދުވަސްވަރެކެވެ.

 

ނުލަފާކަން ދައްކައިގެން މޮޅެއް ލިބޭނެ ކަމަށް ހުއްޓައި 2013 އިންތިހާބުގައި ވެސް ނަޝީދާއި އެކު ނިކުމެ އެމްޑީޕީގެ “ޗޮކުން” ދިޔައެވެ. އެހިސާބުން ވެސް މޮޅުތި ވާހަކަ ދައްކަން ހަދައިގެން އުޅެނިކޮށް ގާޒީ ވަގަށް ނެގި މައްސަލައިގައި ހުކުމް ކުރެވި ނަޝީދު ހުރަގޭގައި ބަންދުކުރެވުނއެވެ.

 

ދެން ފެނިގެން ދިޔައީ ނުލަފާކަމަށް މަޝްހޫރު ވެގެން އުޅުނު ކެނެރީގޭ ނަޝީދު ހަމަބިމަށް ތިރިވި މަންޒަރެވެ. ޖަލަށް ލެވިއްޖެ ނަމަ މެޓަލަކުން ކަރުދާސް ނައްޓާލާހެން ސަރުކާރު ވައްޓާލާނެ ކަމަށް ބުންޏަސް އެކަމެއް ނުވިއެވެ.

 

މައިބަނދައަށް އަނިޔާވެގެން ކަމަށް ބުނެ ރޮއެ ހޭރި އާދޭސްކޮށް “މަރަށް ތެޅެން ފެށުމުން”، ސަރުކާރުން ނަޝީދު ބޭސްފަރުވާއަށް ދިއުމުގެ ހުއްދައެއް ދިނެވެ. އެ ހުއްދަ ލިބުނަސް ނަޝީދު ހުރީ މަޑުންނެވެ. ނުލަފާކަމެއް ނުދައްކައެވެ.

 

އެހެނަސް ރާއްޖޭގެ އަސްދަނޑިން ބޭރަށް ދެވުމާއި އެކު އެއްކަލަ ނުލަފާކަން ދައްކަން ފަށައިފިއެވެ. ސަރުކާރު ވައްޓާލާނެ ކަމަށް ބުނުން އެއީ އާދައަކަށް ހަދަން ފަށައިފިއެވެ. އެހެނަސް ވާ ކަމެއް ހަމަ ހަރާމެވެ.

 

ކިތަންމެ މޭފުއްޕާފައި ހަޅޭއްލެވިޔަސް، ނަޝީދު ބޭނުންވާ ގޮތަށް ވެރިކަން ލިބޭކަށް ނެތެވެ. ވެރިކަން ލިބޭނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ވެސް އޮތް ނަމައެވެ.

އާންމު ބަހުރުވައިން ބުނާ ކަމުގައި ވަނީ ނަމަ ނަޝީދުގެ އަނގަޔަކުން ނާރާނެ އެވެ. މެންދު އިރު މެދުޖެހޭ ވަގުތަކީ ނަޝީދު ހިނދުކޮޅުގައި ހުންނަ ވަގުތެއް ނެމަ އިރަކީ ހަނދު ކަމަށް ބުނެފާނެއެވެ. އިދިކޮޅު ބަޔަކު އެއީ ދޮގެކޭ ބުނާއިރަށް ނަޝީދުގެ އަރިސް މީހުން އެއްވާނަކަށް “ހަނދަށް އަނިޔާކުރުން ހުއްޓާލާ” ގޮވަން ފަށާފާނެއެވެ.

 

މިއަދު ޤާނޫނީ ގޮތުން ރާއްޖޭގައި އޮތް ސަރުކާރެއް ބަދަލުކުރެވޭތޯ ސުޕްރީމް ކޯޓަށް ނަޝީދު ދުވާއިރު އޭނާގެ ނުލަފާކަން އެ ކޯޓުގައި ތިބި ފަނޑިޔާރުންނަށް ދެއްކި އެވެ. ޤާނޫނު އަސާސީ އަށް ގޮންޖަހަމުން، ސުޕްރިމް ކޯޓަށް ގޮންޖަހަމުން، ޤާނޫނުތައް މުގުރަމުން މުޅި ޤައުމުގެ މުސްތަގުބަލު މުގުރާލަން ނަޝީދު ދެއްކި ނުލަފާކަން މަތިން ދިވެހން ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ.

 

ސްކޫލްގައި ވެސް ނަޝީދު ހުރީ ނުލަފާކަން ދެއްކުމުން ކަކޫ މައްޗަށް ތިރިކޮށްފައެވެ. މިހާރު ވެސް އެހުރީ ހަމަ އެހާލަތުގައެވެ. ކަކޫ މަތީގައި ހުރެ ސައިޒަށް ވުރެ ބޮޑު ވާހަކަ ދެއްކުމަށް ވުރެ ނަޝީދަށް މޮޅު ގޮތަކީ ނުލަފާކަން ދޫކޮށްލައި ކޮންމެވެސް އެހެން ކަމަކާއި އުޅުމެވެ. ނަޝީދުގެ ލާދީނީ ސިޔާސަތުތަކަށް ދިވެހި ރައްޔިތުން ތިބީ ރުހިގެނެއް ނޫނެވެ.

Leave a Reply

Your email address will not be published.