ފާރިސް ހައްޔަރުކުރުމުން ނަޝީދު ހުރީ އުފަލުން!

ކަންދެއްކުމާއި އެހެން މީހުންގެ ސަމާލުކަން އަތުލުމަށް ނަޝީދު ރޯބުހުތާން ދޮގުތައް ހަދަމުން ގެންދާކަން އެއީ އެންމެހާ ދިވެހިންނަށް ސާފުވެފައިވާ ކަމެކެވެ. ނަޝީދު ކަމެއް ނުކުރާނެ ކަމަށް ބުނެފި ނަމަ އެއީ އެކަން ކުރާނެ ވާހަކަ ކަމާއި އަދި ނަޝީދު ސިޔާސީ މީހަކަށް މާ ބޮޑަށް ހެޔޮއެދިއްޖެ ނަމަ ނުވަތަ ހެޔޮ އެދޭކަމަށް ބުނެފި ނަމަ އެއީ އެމީހަކަށް ހަސަދަވެރިވަނީ ކަމަށް ބަލަން ޖެހެއެވެ. އެހެން ބުނަން ޖެހެނީ މާޒީގައި ނަޝީދުގެ އަމަލުތައް ހުރި ގޮތުންނެވެ.

އެމްޑީޕީގެ ރައީސް ކަން ކުރެއްވި އިބުރާ އާއި ޑރ.މުނައްވަރު އަދި ޑރ.ޑީޑީ އަށް ވެސް ނަޝީދު ތައުރީފް ކުރިއެވެ. އެހެނަސް މަކަރުވެރިކަމާއި ފަރުދާގެ ފުރަގަހުގައި ހުރެ އެމީހުން އެމަގާމުން ދުރުކުރުމަށް ފިއްތާލިއެވެ.

މިއަދު ރާއްޖޭގެ ސިޔާސީ މަސްރަޚުން  ފެންނަމުން ދަނީ ނަޝީދު މިފަދައިން ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް އަށް ހެޔޮއެދިގެން އުޅޭ މަންޒަރެވެ. ފާރިސްގެ ހައްގުގައި ނަޝީދު ޓްވީޓް ކުރުން މެކުހަށް ޖަހައިފިއެވެ. ނަމަވެސް މިއީ ހައްތަހާ ވެސް މައުމޫނުގެ ސަޕޯޓަރުންގެ ބޯކާލުމަށް ނަޝީދު ޖައްސާ ސްޓަންޓްތަކެވެ.

ނަޝީދު ގަބޫލުކުރާ ގޮތުގައި ފާރިސް އަކީ އޭނާއަށް ވެރިކަމަށް ކުރިމަތިލުމަށް އޮތް ހުރަހެކެވެ. އިދިކޮޅުން އެއްކެންޑިޑޭޓަކު ނެރޭއިރު އެމީހަކަށް ނަޝީދަށް ވެވޭނީ ފާރިސް މަންޒަރުން ބޭރަށް ލައިގެން ކަން އެމްޑީޕީ އާއި ޚުދު ނަޝީދު ވެސް ގަބޫލުކުރެއެވެ.

އެހެންވީމާ ވެރިކަމާއި ހެދި މޮޔަވެފައި ހުރި މީހަކު ކަން ދެއްކުމުގެ ގޮތުން ކިތަންމެ ގިނަ ޓްވީޓެއް ކޮށް ހަގީގަތް ފޮރުވަން މަސައްކަތް ކުރިޔަސް، ހަގީގަތަކީ ނަޝީދު އެދޭގޮތަކީ ވެސް ފާރިސް ހައްޔަރުވުމެވެ. އެމްޑީޕީގައި އެތައް މެންބަރުންނެއް ތިއްބައި ރިޝްވަތުގެ ހުތުރު އަމަލުތައް ހިންގަން ފާރިސްގެ ބޮލަށް އެމްޑީޕީން ސަވާރުވި ބޭނުމަކީ ވެސް ފާރިސް ސިޔާސީ މަސްރަޚުން ގެއްލުވާލުމެވެ.

ކެނެރީގޭ މުހައްމަދު ނަޝީދަކީ މީހުންގެ ލޮލުގައި އަނދުން އެޅުވުމަށް އެފަދަ ދެވަނައެއް ނެތް ބޭފުޅެކެވެ. ރައްޔިތުންގެ ބައިތުލް މާލުން ޚަރަދުކޮށްގެން އަމިއްލައަށް ފިލްމު ކުޅެ މަޝްހޫރުވާން ލައްކަ މަސައްކަތް ކުރި މީހެކެވެ. ހަގީގަތުގައި ފާރިސް ހައްޔަރުކުރުމުން ނަޝީދު ހުރީ ވަރަށް އުފަލުންނެވެ. ޓްވީޓުތަކާއި އިންޓަވިއުތައް މެދުވެރިކޮށް ނަޝީދު އޮއްސާލަނީ ހަމަ ކިނބުލުގެ ކަރުނައެވެ.

Leave a Reply

Your email address will not be published.