3 އިރުއިރަކު 1 ފަހަރު ޕޯޑިއަމުގައި ސަރުކާރު ވައްޓާލުން

އިދިކޮޅު ފަރާތްތަކުން ނަނާ ހުވަފެނެއްގެ ތެރޭގައި ތިބޭތާ 4 އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު އެންމެ ގިނައިން އެ ފަރާތްތަކުން ބުނާ ވާހަކަ އަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލާނެ ވާހަކައެވެ. ނުވަތަ ވައްޓާލަން ޖެހިފައިވާ ވާހަކައެވެ.

އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ފޯރަމްތަކުގައި ދައްކަމުން އަންނަ ވާހަކަތަކަށް ބަލާއިރު އެންމެ ގިނައިން އެމީހުންނަށް ތާއީދު ކުރާ މަދު ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަ އަކީ ވެސް އެއީއެވެ. ހަމަ އިސާހިތަކު ސަރުކާރު ވައްޓާލެވޭނެ ކަމުގެ ޔަގީންކަން ވެސް ދެއެވެ.

އިދިކޮޅު ފަރާތްތަކޭ ބުނާއިރު، މީގެ ތެރެއިން އެމްޑީޕީ މެންބަރުންގެ މެދުގައި ސަރުކާރު ވައްޓާލާ ވާހަކަ އަކީ އެންމެ މަޤްބޫލު ވާހަކައެވެ. އެމީހުން ސަރުކާރު ވައްޓާލަމުން ގެންދާތާ، މިހާރު 6 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ސީދާ ހަރަކާތުގައި ނަމުގައި ވެސް ދޭތެރެއަކުން ސަރުކާރު ވައްޓާލަން ނިކުމެދާނެއެވެ.

މިފަދަ ބަޔަކާއި އެކު އުޅެން ޖެހުމުން އަހިވަކާއި ޖެހި އަހިވަތް ފާވާ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް ވެސް ވެރިކަން ވައްޓާލާ “ހުން” ޖެހިވަޑައިގެންފިއެވެ. މިހާރު މައުމޫނު ވެސް ދައްކަވަނީ މުޅިން ވެސް ވެރިކަން ވައްޓާލާ ވާހަކައެވެ.

އެގޮތުން ރޭ ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވެރިކަން ވައްޓާލުން އަވަސް ކުރަން ޖެހޭ ކަމަށާއި އިންތިހާބުގެ ކުރިން ވެރިކަން ވައްޓާލަން ޖެހޭނެ ކަމަށް މައުމޫނު ވަނީ ވިދާޅުވެފައެވެ. މައުމޫނު މިހެން ވިދާޅުވި އިރު ހުންނެވީ ދަރިކަލުން ޖަލުން މިނިވަން ވުމުން އެކަމުގެ ޖަޒުބާތުގައި ކަން ފާހަގަކޮށްލެވެއެވެ.

ޖަޒުބާތުގައި ޖެހި އިދިކޮޅު ފަރާތްތަކާއި މައުމޫނު ޕޯޑިއަމްތަކުގައި 3 އިރު އިރަކު އެއްފަހަރު ވެރިކަން ވައްޓާލަމުން ގެންދިޔަ ނަމަވެސް ރައްޔިތުންގެ ތާއީދު ނެތް ބަޔަކަށް އެކަން ނުކުރެވޭނެއެވެ. ދިވެހިރާއްޖޭގެ ޤާނޫނާއި ކަނޑައެޅިގެން ޚިލާފަށް ޢަމަލުކުރައްވަން މައުމޫނު ހިތްވަރު ދޭ ހިސާބަށް ދިއުމުން އެއީ  މިއަދު އިދިކޮޅު ފަރާތްތައް މާޔޫސްވެ ގޮތް ހުސްވެފައިވާ ކަން ޔަގީންވީއެވެ. އެހެންވީމާ 3 އިރުއިރަކު 3 ފަހަރު ޕޯޑިއަމްތަކުގައި ވެރިކަން ވައްޓާލަން ވެސް އިދިކޮޅު ފަރާތްތަކުން ގޮވާލާނެއެވެ.

Leave a Reply

Your email address will not be published.