އެހެން މީހުންނަށް ވަގަށް ގޮވާފައި ރަލާއި އޫރުމަހުން ވައްކަން ކުރުން!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެބޭފުޅާގެ އަރިސް ބޭފުޅުން ކެނޑިނޭޅި ކުރަމުންދާ ކަމަކީ ރައީސް އަބްދުﷲ ޔާމީން އަށާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިސްތަށިފުޅުގައި ވައްކަމުގެ ތުހުމަތު އެޅުވުމެވެ.
ސަރުކާރުން ތަރައްޤީގެ ބިޔަ މަޝްރޫޢެއް ފަށައިފި ނަމަ ގާސިމާއި އޭނާގެ ބައިވެރިންގެ ނަޒަރުގައި އެއީ ވައްކަމެވެ. ތަރައްގީގެ މަޝްރޫޢެއް ފެށުމަށް ލޯނެއް ނަގަން ނިންމައިފި ނަމަ އެއީ ވައްކަން ކުރުމަށް ފައިސާ ހޯދުން ކަމަށް ގާސިމް ވިދާޅުވެއެވެ. ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކަން ގާސިމަށް އަންގައިފި ނަމަ އެއީ “އަނިޔާކުރުން” ކަމަށް ގާސިމް ވިދާޅުވެއެވެ.

އަމިއްލަފުޅު ޓީވީ ޗެނަލަކާއި އޮންލައިން ނޫހެއް ގެންގުޅުއްވާ ބޭފުޅަކަށް ވުމުން ގާސިމް ބޭނުންފުޅުވާ ގޮތަކަށް ޚަބަރު ފެތުރުމުގެ ފުރުސަތު ލިބިލައްވައެވެ. އޭގެ ބޭނުން ހިއްޕަވައިގެން ރައްޔިތުންގެ ބޮލަށް ސަވާރުވެ ހަގީގަތް އޮޅުވާލަން ލައްކަ މަސައްކަތްޕުޅެއް ގާސިމް ވަނީ ކުރައްވާފައެވެ.
ވަގަކަށް ހާސް ދުވަސް ލިބޭއިރު ވެރި މީހާގެ ދުވަސް އައުމުން ވަގު ބޭޒާރު ވެއޭ ބުނާ ބީދައިން ގާސިމް އެބޭފުޅާގެ އަމިއްލަ ޓީވީ ޗެނަލް މެދުވެރިކޮށް ހަގީގަތް އޮޅުވާލައްވަން އުޅުއްވަނިކޮށް އެކަން ވެސް މިވަނީ ފަޅާއަރާފައެވެ.

5 ރިސޯޓެއް ހިންގަވާއިރު ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ނުދެއްކެވީ އެކަންޏެއް ނޫނެވެ. ރަލާއި އޫރުމަސް ވިއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ބޭރުން ވަގަށް އެތަކެތީގެ ވިޔަފާރި ކުރައްވަމުން ގެންދެވީއެވެ. އެކަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ފެއްޓުމުން ގާސިމް ވިދާޅުވަނީ “އަނިޔާކުރައްވަނީ” ކަމަށެވެ. އަދި އެއީ “މުދާ ފޭރުން” ކަމަށް ގާސިމްގެ އަރިސް ބޭފުޅުން އެބަ ވިދާޅުވެއެވެ.

ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކައި ގާސިމް ހުންނަވާ ކޮންމެ ދުވަހަކީ، ނިކަމެތި ރައްޔިތުންނަށް ވެދެވޭ އެހީތެރިކަމެއް ހެއްޔެވެ؟ ރަލާއި އޫރުމަހުން ވަގު ވިޔަފާރި ކުރުމަކީ، ވައްކަން ކުރެއްވުން ނޫން ކޮންކަމެއް ހެއްޔެވެ؟

Leave a Reply

Your email address will not be published.