ގާސިމްގެ ރިސޯޓުތަށް ކަސްޓަމުން ފާސްކުރަން ޖެހުނު 3 ސަބަބު!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ރިސޯޓުތަކަށް ކަސްޓަމްސްގެ މުވައްޒަފުން އަރައި ފާސްކުރަން ފެށުމުން އިދިކޮޅު ފަރާތްތަކާއި ޤާސިމްގެ އަރިސް ބޭފުޅުންގެ ފާޑުކިޔުންތައް ސަރުކާރަށް އޮހިގަތެވެ. ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ގިނަބަޔަކު އިތުބާރު ކުރާ އެއް މުއައްސަސާ ކަމުގައިވާ ކަސްޓަމްސް އަގު ވައްޓާލުމަށް ބޮޑެތި މަސައްކަތްތަކެއް އިދިކޮޅު ފަރާތްތަކުން ފެށިއެވެ.

އިދިކޮޅު ފަރާތްތަކުން މިފަދަ ދޮގު ވާހަކަތައް ފަތުރަން އުޅުނަސް އެމީހުންގެ ވާހަކަތަކަށް އެކަނި ބަލާލުމުން ވެސް ބުރަދަނެއް ހުރި އެއްވެސް ވާހަކައެއް ދެއްކިފައި ނުވާކަން ހާމަވެއެވެ. ގާސިމްގެ 4 ރިސޯޓަކަށް ކަސްޓަމުން އަރައި ފާސްކުރުމުން އެކަމާއި ގުޅޭ ވާހަކަ ނުދައްކައި މުޅިން ވެސް ދައްކަނީ ގާސިމް އަށް “އަނިޔާކުރާ” ވާހަކައެވެ. މުޅި ކަންތައް ސިޔާސީ ކޮށްގެން އޮޅުވާލަން މަސައްކަތް ކުރީއެވެ.

1. ގާސިމްގެ ރިސޯޓުތަކުގައި ރަލާއި އޫރުމަސް ވިއްކަމުން ދިޔައީ ހުއްދަނެތި.

ޓީޖީއެސްޓީ ނުދައްކައިގެން މީރާއިން ވަނީ ކަސްޓަމުން ގާސިމްގެ 4 ރިސޯޓަކަށް ދޫކޮށްފައިވާ ރަލާއި އޫރުމަސް އެތެރެކުރުމާއި ވިއްކުމުގެ ހުއްދަ ބާތިލްކޮށްފައި ވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭގެ ފަހުން މިހާތަނަށް ވެސް އެ ހަތަރު ރިސޯޓުން ރަލާއި އޫރުމަސް ވިއްކަމުން ދިޔައީ ވިލާކުންފުނީގެ އެހެން ރިސޯޓެއް ކަމަށްވާ ރޯޔަލް އައިލެންޑަށް ދޫކޮށްފައިވާ ހުއްދައިގެ ދަށުން ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސްތަކުން ނެރެގެންނެވެ.

2. ރޯޔަލް އައިލޭންޑް ރިސޯޓަށް އާދަޔާ ޚިލާފަށް ރަލާއި އޫރުމަސް އެތެރެކުރި

ގާސިމްގެ ރިސޯޓުތަކުން ހިންގަމުން ދިޔަ ބޮޑު ވައްކަން ކަސްޓަމްސް އަށް ފަޅާއެރީ ރޯޔަލް އައިލޭންޑް ރިސޯޓުން ބޮންޑެޑް ވެއާ ހައުސްތަކުން ބޭރުކުރި ރަލާއި އޫރުމަސް އެހެން އަހަރުތަކާއި ޚިލާފަށް ގިނަ ވުމުންނެވެ. އެކަން ޔަގީން ކުރުމަށް ކަސްޓަމްސްގެ އިންޓެލިޖެންސް ޔުނިޓުން ކުރި މަސައްކަތުން ރޯޔަލް އައިލޭންޑް ރިސޯޓަށް ގެންދާ ރަލާއި އޫރުމަސް އެހެން ތަންތަނަށް ގެންދާކަން ފާހަގަކުރެވުނެވެ.

3. މާލެއަށް ރާ އެތެރެކުރާ ރިސޯޓެއް ހޯދަން ފުލުހުން ފެށި އޮޕަރޭޝަން

މާލޭގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ހިންގާފައިވާ އޮޕަރޭޝަންތަކުގައި ފުލުހުން ރާ ފުޅިތައް އަތުލައިގަނެއެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރުގެ ތެރޭގައި މާލެއިން އެއްފަހަރާއި ގިނަ އަދަދެއްގެ ރާފުޅި އަތުލައިގަނެފައިވެއެވެ. އެގޮތުން ޕިކަޕުތަކުގައި އަދި ލޯންޗްތަކުގައި ގަވާއިދާއި ޚިލާފަށް ރާ އުފުލަނިކޮށް ފުލުހުންގެ އޮޕަރޭޝަންތަކުގައި އެތަކެތި އަތުލައިގެންފައިވެއެވެ.

ވިލާ ކުންފުނިން ގަވާއިދާއި ޚިލާފަށް ރަލާއި އޫރުމަހުގެ ވިޔަފާރި ކުރާކަން ފަޅާއަރާފައި ވަނީ، މިކަމާއި ގުޅިގެން ފުލުހުން އެދިގެން ކަސްޓަމްސް އިން ބޮންޑެޑް ވެއާހައުސްތަކުގެ ކަންތައް ބަލަމުން ދަނިކޮށެވެ. މާލެއިން އަތުލައިގަތް ރާފުޅިތަކަކީ ގާސިމްގެ ވިލާކުންފުނިން އޮޅުވާލައިގެން ބޮންޑެޑް ވެއާ ހައުސްތަކުން ބޭރުކުރި ރާ ކަން ނުވަތަ ނޫންކަން ކަށަވަރު ވާނީ ފުލުހުންގެ ތަހުގީގު ނިމުމުންނެވެ.

އެހެން ނަމަވެސް މާލެއިން އަތުލައިގަތް ރާފުޅިތަކާއި ވިލާ ކުންފުންޏާއި ގުޅުން އޮވެދާނެ ކަމަށް ބެލެވެއެވެ.

ދިވެހިރާއްޖޭގެ ސަރުކާރަކީ ވަކި ވިޔަފާރިވެރިއެއް ވީމާ ގާނޫނީ ފިޔަވަޅު ނާޅައި އޮންނަ ސަރުކާރަކަށް ވީ ދުވަސް މާޒީ ވެގެން ހިނގައްޖެއެވެ. މިއަދު ގާސިމްގެ ވިލާ ކުންފުނިން ވިޔަސް އުސޫލުތަކުގެ ބޭރުން ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އޫރުމަހާއި ރަލުގެ ވިޔަފާރި ކުރުމުގެ ހުއްދައެއްނުލިބޭނެއެވެ.

Leave a Reply

Your email address will not be published.